ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އެ ބައި އަލުން ހޯދުމުގެ މަސައްކަތް ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާއްސަ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

މިމައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައ،ި އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުން ކުރަމުން އަންނަ ކަމަށް މިރޭ އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި އެ މައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަން އާއި އަމަލު ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ދިވެހިރާއްޖެ އާއި ބައިނަލްއަގުވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް އެ އޮފީހުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައ،ި އެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ.

ކޮމެޓީގައި ތިއްބަވާ ބޭފުޅުން:

  • ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް
  • ޑިފެންސް މިނިސްޓްރީން ކާނަލް އަހްމަދު މުޖުތަބާ
  • ފޮރިން މިނިސްޓްރީން ސެކްރެޓަރީ މަލްޓިލެޓެރަލް، އަހްމަދު ޝިޔާން 
ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ބަންޑާރަ ނާއިބަކަށް ހުންނެވި އަނިލް: ކަނޑުގެ ބައި އަލުން ހޯދުމުގެ ކޮމެޓީގައި އިސްކޮށް ހުންނެވީ އަނިލް — ފޮޓޯ | ޕީއެސްއެމް

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ. އަދި އެނިންމުން ދިރާސާކޮށ،ް މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ފަށާފައިވާ ކަމަށް މިއަދު ސަރުކާރުން އާއްމުކުރި ބަޔާނެއްގައި ވެސް ބުންޏެވެ.

ރައީސް ސޯލިހު މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން ސަރުކާރުގެ ބަޔާނުގައި ބުނެފައި ވަނީ އެ ސިޓ އަކީ 24 ޖޫން 2022 ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތްގެ ހެޑްސް އޮފް ގަވާމަންޓް ބައްދަލުވުމުގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަކަށް ހަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެއް ކަމަށެވެ. 

އެހެންނަމަވެސް، އެ ބައްދަލުކުރުމުގައި ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާ ކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ ކަމަށް ރައީސް އޮފީހުގެ ރެކޯޑްތަކުން ފެންނާކަށް ނެތް ކަމަށް ބަޔާނުގައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *