ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަމުގެ ޒޯނެއް ތަރައްގީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ އިއްޔެ ހަވާލުކޮށްފިއެވެ.

މިއެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީންއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ.

ރީޖަނަލް އެއާޕޯޓުން ބުނީ މިއެއްބަސްވުމުގެ ދަށުން އެއާޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ފަތުރުވެރިކަމުގެ ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޒޯން ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑިންގ ނުވަތަ އިންވެސްޓަރުން ހޯދުން ހިމެނޭ ކަމަށެވެ.

މި މަޝްރޫއުގެ އެންމެ މައިގަނޑު އެއް ބޭނުމަކީ، މިވަގުތު އެބިމަކީ ބޭނުމެއް ނުކުރެވި އޮތް ހުސްބިމަކަށްވާތީއާއި ކުޅުދުއްފުއްޓަށާއި އަދި ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް އެންމެ މަންފާކުރާނެ މަޝްރޫއެއް އެބިމުގައި ކުރުން ކަމަށް ރީޖަނަލް އެއާޕޯޓުން ބުންޏެވެ. މިފަދަ ތަރައްގީއެއްގެ ސަބަބުން، ކުޅުދުއްފުށި ސިޓީ އާއި ކުޅުދުއްފުށީގައިވާ އެހެނިހެން ގެސްޓްހައުސްތަކާއި ވިޔަފާރިތައް އިތުރަށް ދުނިޔޭގައި މާކެޓްވެގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓުން ބުންޏެވެ.

ރީޖަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ކަމާ މުބީން ހަވާލުވެވަޑައިގެންފަހުން، ވަރަށް ގިނަ މަސްރޫއުތަކެއް ފެށުމަށާއި، އިންގިލާބީ ބަދަލެއް ކުންފުންޏަށް ގެނައުމަށް ދަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މުބީންގެ އަމާޒަކީ، އިތުރު ކޮމާޝަލީ ވައިބަލް ވާ މަޝްރޫއުތަކަށް އިންވެސްޓްކޮށް ސަރުކާރުގެ މާލީއެހީއަށް ބަރޯސާވެފައި އޮތްއޮތުން ކުރިއަށް އޮތް ތިން އަހަރު ތެރޭ ނިމުމަކަށް ގެނެސް، ފައިދާ ނެރޭ ކުންފުންޏަކަށް ހެދުމެވެ.

މިވަގުތު އާރްއޭސީއެލްގެ ފަރާތުން ޖުމްލް ހަތް އެއާޕޯޓެއް އޮޕަރޭޓް ކުރެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *