ފުލުހުންގެ އިސްވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންތައް ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަަމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ މިމަހުގެ ހަތްވަނަ ދުވަހު، ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ. އެ މައްސަލައިގައި އޭސީސީން ބުނެފައި ވަނީ، ފުލުހުންގެ ތެރެއިން ބައެއް އިސްވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ހިދުމަތުގެ ވަކި މުވައްޒަފުން ތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން، މަގާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އޭސީސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. “އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު”ގެ ދަށުން އެ ކޮމިޝަނުން ވަނީ، ވަކިގޮތެއް އަންގަންދެން ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައި ކަމަށެވެ.

ނަމަވެސް އެއީ ގާނޫނީ އިމުގެ ބޭރުން އެންގި އެންގުމެއް ކަމަށް ބުނެ އަދި އެ އެންގުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ބުނެ، ފުލުހުންގެ ހިދުމަތުން، އެ ހިދުމަތުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައި ކަމަށް ދައުވާގައި އޭސީސީން ވަނީ ބަޔާންކޮށްފައެވެ. ފުލުހުންގެ ހިދުމަތުގެ އެ އަމަލަކީ، އޭސީސީގެ ގާނޫނީ ޒިންމާއާއި ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ކުރި ކަމެއް ކަމަށެވެ.

އެހެންވެ އޭސީސީން އެދިފައިވަނީ، މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން، ނުވަތަ ފައިސަލާކުރަނިވި ހުކުމެއް ކުރެވެންދެން، ޕްރޮމޯޝަންގެ ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށެވެ. މަގާމުގެ ކުރިއެރުން ލިބިގެން ތިންވަނަ ފަރާތެއްގެ ހައްގު އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމަށާއި، އެފަދަ ކަމެއް ކުރުމަށް ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށާއި އެކަމާ ގުޅިގެން އިތުރު އެއްވެސް މަސައްކަތެއް ނުކުރުމާއި، މައްސަލައިގައި ޝަރީއަތުން ކުރާ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ފަދަ ނުވަތަ މަގުސަދު ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ދައުވާއަށް ޖަވާބުދާރީވެ ފުލުހުންގެ ހިދުމަތުގެ ފަރާތުން ބުނެފައިވަނީ، އޭސީސީން އެދިފައިވާ ކަންކަމަށް ބަލާއިރު، ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ނެތް ކަމަށެވެ. ވަގުތީ އަމުރެއް ނެރެނުދިނުމުގެ ސަބަބުން، އޭސީސީއަށް ލިބޭނެ އިއާދަ ނުކުރެވޭނެ ގެއްލުމެއް ވެސް ނެތް ކަމަށާއި، ވަގުތީ އަމުރެއް ނެރެނުދީފިނަމަ، އޭސީސީގެ ގެއްލޭ މަސްލަހަތަށްވުރެ ދައުލަތުގެ ރައްކާތެރިކުރެވޭ މަސްލަހަތު ބޮޑުކަމަށް ފުލުހުންގެ ފަރާތުން ބުންޏެވެ. އެހެންކަމުން އޭސީސީން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ދެކޭ ކަމަށް ފުލުހުންގެ ހިދުމަތުގެ ފަރާތުން ބުންޏެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު އަމުރުގެ ރައުޔު އިއްވަމުން ގާޒީ އަލީ އަބްދުﷲ ވިދާޅުވީ ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިޔަށް ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެ ކަމަށެވެ. ގާޒީ ވިދާޅުވީ އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރެއް ނެރެދިނުމަށް، ވަގުތީ އަމުރަށް އެދޭ ފަރާތުން އެދިފައިވާ އެދުމުގެ މައްޗަށް ބަލާއިރު “އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރަކަށް އެދޭނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާއިރު، ކޯޓުން ނެރެދޭންވީ އަމުރުގެ އިބާރާތެއް އޮންނަން އެދޭގޮތް ބަޔާންކުރާ ލިޔުމެއް ހިމަނަންވާނެ ކަމަށާއި އަދި އެ ލިޔުމުގެ ސްފޮޓު ކޮޕީ ކޯޓަށް” ހުށަހަޅަންވާނެ ކަމަށެވެ.

“ވަގުތީ އަމުރަށް އެދޭ ފަރާތުން ކޯޓު އަމުރު އޮންނަން އެދޭ ގޮތް ބަޔާންކުރާ ލިޔުމާއި އަދި އެ ލިޔުމުގެ ސޮފްޓު ކޮޕީ ކޯޓަށް ހުށަހަޅާފައިނުވެއެވެ” ގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭސީސީއަށް ހުށަހަޅާ މައްސަލައެއްގެ ތަހުގީގު ކުރުމަށްފަހު، ތުހުމަތުވާ ފަރާތަށް ދެކޮޅަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން ވާނެ ކަމަށެވެ.

އޭސީސީން، ފުލުހުންގެ ހިދުމަތުގެ މައްޗަށް އެންގި އެންގުމަށް، ފުލުހުންގެ ހިދުމަތުން އަމަލު ނުކުރުމަކީ “ވަގުތީ އަމުރަށް އެދޭ ފަރާތަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުން ދީފައިވާ ތަހުގީގު ކުރުމުގެ ބާރަށް ހުރަސް އެޅިގެންދާ ކަމަކަށް ނުވާތީ، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ އާންމު ތިން ޝަރުތު، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވެފައި ނުވާކަން އެނގޭ” ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ އަމުރުކުރެއްވީ އޭސީސީން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އަލީ އަބްދުﷲ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *